Ramadhan Mubaarik...
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮދުޢާ އެންމެހާ ލޮބުވެތި މުސްލިމް އަޙުންނާއި އުޚުތުންނަށް އަރިސް ކުރަމެވެ. ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ހަޔާތުގެ މުހިންމު ހިނދުކޮޅުތަކުގެ ތެރެއިން އަހަރަކު އެއްފަހަރު އަންނަ ކުޑަކުޑަ ހިނދުކޮޅެކެވެ. އަޅުގަނޑުމެން އެންމެންނަކީވެސް ހައްދަވާ ގެންގުޅުއްވަނީ ގަދަކީރިވަންތަ ﷲ ކަން ގަބޫލުކޮށް އެކި މިންވަރަށް އެއިލާހަށް އަޅުކަން ޚާލިސް ކުރާ އެއިލާހުގެ އަޅުންނީމެވެ.
އާދެ! އެއިލާހު އަމުރުކުރެއްވި އެންމެހާ ކަންކަން ކުރުމަށާއި އެއިލާހު މަނާކުރެއްވި އެންމެހާ ކަންކަމަކުން ދުރުވެ ރައްކާތެރިވުމަށް އަބަދުމެ މަސައްކަތް ކުރަމުން އަންނަ އެއިލަހުގެ މުސްލިމުންނީމެވެ. އެހެންކަމުން އެއިލާހު އަޅުގަނޑުމެންނަށް އަހަރަކު 11 މަސްދުވަހު ބުރަކޮށް މަސައްކަތް ކުރުމަށްފަހު އަޅުގަނޑުމެންނަށް އަޅުކަމުގެ ޚާއްސަ މޫސުމެއްގެ ގޮތުގައި، އަދި ފާފަފުއްސެވުމާއި ރުއްސެވުމާއި ތަގުވާގެ ޚާއްސަ މައްސަރެއްގެ ގޮތުގައި ބަރަކާތްތެރި ރަމަޟާން މަސް ލެއްވިއެވެ. އަދި އެމަހުގައި ޝައިތާނުންތަށް ބަންދުކުރައްވާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެވިއެވެ. އެގޮތުން މި މައްސަރާއިބެހޭގޮތުން ކީރިތި މާތް ނަބިއްޔާ ‘ގެ ބަސްފުޅެއްގެ މާނާގައިވެއެވެ. "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުންތައް ކަސްތޮޅު އެޅުވިގެންދެއެވެ". އެހެންކަމުން މިމައްސަރުގެ ދަރުމައާއި ސަވާބު ހެޔޮގޮތުގައި ލިބިގަތުމަށް މަސައްކަތްކުރުމުގެ ހެޔޮ ތައުފީގު އަޅުގަނޑުގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މިންވަރުކޮށްދެއްވުން އެދި ﷲ ގެ ހަޟުރަތުގައި އެދި ދަންނަވަމެވެ. އަދިވެސް ކައުއިތުރު ރަސޫލާ ‘ގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެެވެ. "އީމާންކަމާއި ދަރުމައަށް އެދި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފިމީހަކަށް މާތް ﷲ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ".އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން މައިންބަފައިންނާއި އުނގަންނައިދެއްވާ ބޭފުޅުން މިކަމަށް ޚާއްސަ ސަމާލުކަމެއްދެއްވާ ދަރިވަރުންނަށް މިމަހުގައި ގިނަގިނައިން އަޅުކަން ކޮށް ޤުރުއާން ކިޔެވުމަށް ނަސޭޙަތްތެރިވެ، އެގޮތުގައި މިމައްސަރުގެ ދުވަސްތަކާއި ރޭތައް ވޭތުކުރުމުގެ މަގު ފަހިވާނެފަދަ ގޮތަކަށް އެދަރިވަރުންގެ ސުކޫލާއި އަދި ގޭތެރޭގެ ހަރަކާތްތައް ބައްޓަންކޮށް ވީހާވެސް ކާރިން އެކުދިންގެ ކަންކަން ބެލުމުގެ ހެޔޮވިސްނުމާއި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުއާކުރަމެވެ.
މާތް ﷲ އަޅުގަނޑުމެންގެ އަމަލުތަކަކީ ގަބޫލުކެރިވެގެންވާ އަމަލުތައްކަމުގައި ލައްވާށި! އާމީން.
