ވިސްނާ ފިކުރުކުރުން
މިދުނިޔެއަށް އެންމެ ފުރުރަތަމަ މާތް ރަސްކަލާންގެ ޚަލްގުކުރައްވާ ފޮނުއްވި އިންސާނަކީ އާދަމު އަލައިހިއްސަލާމެވެ. އެއަށްފަހު ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި އެކިދުވަސްވަރު އެކި ވިސްނުމާއި އެކިފިކުރު ދުނިޔޭގައި އެކި ދުވަސްވަރު އެކި ކަންކޮޅުތަކުގައި ވަނީ ފެތުރި ގޮސްފައެވެ. އެގޮތުން ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު އެނގިފާޅުވާ ހަގީގަތަކީ ވިސްނުމާއި ފިކުރުގެ ދާއިރާގައި އެންމެ ކުރިއަރައި ދިޔަބަޔަކީ
މާތްވެގެންވާ އިސްމާލްދީނަށް ތަބާވާ މުސްލިމުންކަމެވެ. ސަބަބަކީ ކީރިތި ޤުރުއާނުގައި އެކަމަށް ބާރުއަޅުއްވާފައި ވުމުގެ ސަބަބުންނާއި، ޝުޢޫރުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުންނެވެ. ނަމަވެސް ހިތާމަޔާއިއެކު ފާހަނގަ ކޮށްލަންޖެހެނީ މިހާރު މިދާއިރާއިން އެންމެފުލުގައި މިއަދުމިތިބީ އަޅުގަނޑުމެން މުސްލިމުންކަމެވެ. ތާރީޚުގެ ތެރެއިން މިސްރުގެ ފިރުޢައުނުގެ ދުވަސްވަރަށް ނަޒަރުހިންގާލަމާތޯއެވެ. ވިސްނާފިކުރު ކުރުމަކީ އެމީހުންގެ މައްޗަށް މުޅިން މަނާކަމެކެވެ. އާންމުރައްޔިތުން ތިބެންޖެހޭނީ ރަސްކަމުގެ ކޮއިލުން އެންގީމާ އެކަމެއްކުރާށެވެ. އެއްވެސް ކަމަކާއި ދޭތެރޭ ވިސްނައި ފިކުރުކޮށް ޚިޔާލެއްފާޅުކުރުމަކީވެސް މަނާކަމެވެ. އިދިކޮޅު އެއްވެސް ޝުޢޫރެއްފާޅުކޮށްފިއްޔާ އެމީހަކު ވަގުތުން އެންމެންގެ ކުރިމަތީގައި ދަންޖައްސާ މަރާލައެވެ. މިގޮތުން މުޅިގައުމުގެ އެންމެހާ ރައްޔިތުންނަކީ ރަސްކެފާނުގެ އަޅުންނެވެ.
ކަންމިހެން ހުރިއިރު މިއަދު އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށްވެސް ފަލްސަފީ ނަޒަރަކުން ބަލާލާއިރު ތާރީޚުގެ ތެރެއިންވެސް ކަންކަމާއި ފުންކޮށް ދެކޮޅަށް ވިސްނާމީހުން ފެންނާން ތިބީ ވަރަށް މަދުންނެވެ. އަދި އެފަދަމީހުންނަށްވެސް ވެރިކަމުގެ ފަރާތުން ބޮޑެތި އަދަބުތައް ލިބެމުން ގޮސްފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އަޅުގަނޑުމެންގެ ތެރެއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ކަންކަމާއި ދޭތެރޭ ވިސްނާ، ފިކުރުކޮށް، ހަގީގަތް ހޯދާ، މައުލޫމާތު ދިނުމާއި ލިބިގަތުމާއި، އެ ލިބޭ މައުލޫމާތުތަކަށް ދެކޮޅަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުނީ ވަރަށްފަހުންނެވެ. މީގެ އެންމެ އަލިގަދަ ހެއްކަކަކީ މައުލޫމާތު ދިނުމާއި ލިބިގަތުމުގެ ޤާނޫނެއް އަޅުގަނޑުމެންގެތެރެއަށް ތަސްދީގުވެގެން އައިފަހުން އަދި މާކަގިނަދިވަހެއްނުވެއެވެ.
މިހާރު ދިމާވާ އަނެއް މައްސަލައަކީ ވިސްނާފިކުރުކުރުމުގެ ދާއިރާއަށް މިނިވަންކަން ލިބުނުފަހުން ކަންމިހިނގަނީ މާ ނުރައްކާތެރި ގޮތަކަށެވެ. މުޅިގައުމު މާއިގަނޑު ދެ ފިކުރަކަށް ބެހިގެން ރަޖިސްޓްރީ ވެގެން ދިއުމުގެ ނަތީޖާއަކީ އެއްފިކުރަށް ތާއީދުކުރާ މީހިން ތަނެއްދޮރެއް ބެލުމެއްނެތި އަނެއްފިކުރުގެ މީހުން ކުއްވެރިކުރުމާއި ނައްތާލަން މަސައްކަތްކުރުމެވެ. މިހާރު ކަންކަމާއި ވިސްނައި ފިކުރުކުރަނީ ކޮންމެ ޕާޓީއަކުންވެސް އިސްސަފުގައި މަސައްކަތް ކުރައްވާ ދެތިން ހަތަރު ބޭފުޅެކެވެ. ދެންތިބޭ މީހުންގެ ކަމަކީ ތެދަސް ދޮގަސް އެބޭފުޅުންގެ ޕާޓީގެ އިސްފަރާތްތަކުން އެންގެވީމާ އެކަންތައްތައް ދިފާއުކޮށް ވާހަކަފެތުރުމެވެ. މިގޮތުން ދެފަރާތުގެ ދެމެދުގައި ޒުވާބުކޮށް މާރާމާރީ ހިންގުމަކީ މިހާރު އާންމުކަމަކަށްވެސް ވަނީ ވެފައެވެ.
ވީމާ، ކަންކަމުގައި މައުލޫމާތު އަންނަ އޮއިވަރާއި އެއްކޮޅަށް ހަށިގަނޑާއި ދުލާއި ގަލަމުން ގުރުބާން ވުމުގެ ބަދަލުގައި ކަންކަމުގެ ހަޤީގަތް އަމިއްލައަށް ހޯދައި ދެފަރާތައްވެސް އިހުތިރާމްކޮށް އެއްމެންވެސް އަސްލަށް ރުޖޫޢަވުމަށް ގޮވައިލަމެވެ. ކަމެއް ދޮގުކޮށް ބައެއް ކުއްވެރިކުރުމުގެ ކުރިން ކަން ހިނގައި ދިޔައީ ކިހިނެއްކަން އަމިއްލައަށް ހޯދައި ތިމާގެ ދުލުން ބޭރުކުރުމުގެ ކުރިން އެދެކެވެނީ ސައްޙަވާހަކައެއްތޯ ނޫންތޯ ބެއްލެވުމަށްވެސް އެންމެހާ އަޙުންނާއި އުޚުތުންނަށް އަޅުގަނޑު ގޮވައިލަމެވެ. މިގައުމު މިހާރު ވެއްޓެމުންމިދާ ވަޅުގަނޑުން ފަސޭހައިން ސަލާމަތްވެވޭނީ އެއިރުންނެވެ.